ޝަހީދާ އަބްދުﷲ ސައީދު
ދެރައެއް ލިބޭނެ އެއްވެސް ކަމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުރައްވާނެ ކަމަށާއި ނަމަވެސް ބޮޑު ރަސްމިއްޔާތެއްގައި ތާއީދުކުރައްވާކަން ހާމަކުރައްވާނެ ކަމަށް ކުރީން ގަބޫލު ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން''އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ރަޝީދު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ހިސާބުން މިހާރު އޭނާ ތަމްސީލުކުރައްވަމުންގެންދަވާ ވިލުފުށީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ކެންޑިޑޭޓަކު ނެރެފާނެ ކަމާމެދު ސުވާލު އުފެދުނު ކަމަށެވެ.
އަދި ޕާޓީ ބަދަލުކުރެއްވި ފަހުން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނުނެރޭނެ ކަމާއި ރިޔާޒުއަށް ތާއީދުކުރައްވާކަން ރައީސް ޔާމީން ހާމަކުރައްވައި ޕީޕީއެމްގެ މެންބަރުންވެސް އެގޮތުގައި ތިބުމަށް އެދިވަޑައިގަތުން ވެގެންދިޔައީ ހައިރާން ކުރުވަނިވި ކަމަކަށް ކަމުގައި ރިޔާޒު ވިދާޅުވިއެވެ.
''ޕާޓީ ބަދަލުކުރި ހިސާބުން ވިސްނަމުން ދިޔައީ އަޅުގަނޑުގެ ދާއިރާއަށް ޕީޕީއެމުން މީހަކު ނެރޭނެތޯ ނޫންތޯ. އެގޮތަށް ވިސްނަމުންދަނިކޮށް އެހާބޮޑު ރަސްމިއްޔާތެއްގައި ރައީސް ޔާމީން އަޅުގަނޑަށް ތާއީދުކުރައްވާކަން ހާމަކުރައްވައި އަދި ކެންޑިޑޭޓަކުވެސް ނުނެރޭނެކަން ހާމަކުރެއްވުމުން ހައިރާންކަން ލިބުނު. ކުރިންވެސް އަބަދުވެސް ގަބޫލުކުރަން އަޅުގަނޑަށް ދެރައެއް ނުދޭނެކަން ރައީސް ޔާމީނެއް. އެޔަގީންކަން އަބަދުވެސް އޮވޭ.'' ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް ރައީސް ޔާމީނާއެކު ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ވިސްނުމަށްވުރެ ބޮޑަށް މަސައްކަތްް ކުރައްވާފައި ވާނީ ގައުމީ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލުފުށީ ދާއިރާގެ މެންބަރުކަން ކުރައްވާ ރިޔާޒު ރަޝީދުއަށް ތާއީދުކުރައްވާކަން ރައީސް ޔާމީން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ވިލުފުށީ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެން ނިންމާފައިވާ ކަމަށެވެ. އަދި ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ރިޔާޒުއަށް ތާއީދުކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.