ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމުދު ސޯލިހު، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާ ހަވާލުކުރައްވައިފި އެވެ.
މިކަން އާންމުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައެވެ.
ހެލްތު މިނިސްޓްރީ ހިންގުމުގެ މަސައްކަތް ވަގުތީ ގޮތުން މިނިސްޓަރު އަސްލަމްއާ ހަވާލުކުރައްވާފައި މިވަނީ ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން މިނިސްޓްރީގެ މަސައްކަތްތަކުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެކަހެރިވެވަޑައިގަންނަވައިފައި ވަނިކޮށެވެ.
އޮޑިޓް އޮފީހުން އާންމު ކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހޭ އިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
މި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަން ނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.
ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.