ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމާޒަކީ ފެބްރުއަރީމަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދިނުން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ނުލިބޭތީ ހިތާމަ ކުރައްވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބެން ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް އަޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ޒަމާނީ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ޑިޖިޓަލްކޮށް ސްމާޓް ފޯނުތަކަށް ލިބިގެންދާނެ އިންތިޒާމުވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ވަޒީފާތަކުގައި އުޅޭ މީހުން މަސައްކަތު ގަޑީގައިވެސް ފަސޭހައިން އަޑު އަހައިލެވޭ ކަހަލަ ނިޒާމެއްގެ ތެރެއިން ބަދަލު ގެންނަތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގެ އަޑަކީ ރައްޔިތުންގެ އަޑު ކަމަށާއި ރައްޔިތުންގެ އަޑު ރައްޔިތުންނަށް އިވެން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ކުރީން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ރާއްޖޭގެ ބައެއް ސަރަހަދުތަކަށް ނުލިބި ޚިދުމަތް މެދުކެނޑިފައި ވަނީ ސިނަމާލެ ބްރިޖް އެޅުމަށް ހެންވޭރު އަޑިޕާކް ސަރަހައްދުގައި ހުރި އެންޓަނާތައް ނެގުމުންނެވެ.

އެތަނުން އެންޓަނާތައް ނެގުމަށްފަހު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރީގެ ސަރުކާރުން ނިންމެވި ނަމަވެސް މިހާތަނަށް އައިއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންނަމަވެސް އެ މަސައްކަތް ފަށައި އެންޓަނާ ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.