ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަމާޒަކީ 100 ދުވަހުގެ ތެރޭގައި ޓުއަރިޒަމް ސިނާއަތަށް ގެންނަ ބަދަލު ފަށައިގަތުން: އަލީ ވަހީދު

މަރިޔަމް ޝަހުދާ

އަމާޒަކީ 100 ދުވަހުގެ ތެރޭގައި ޓުއަރިޒަމް ސިނާއަތަށް ގެންނަ ބަދަލު ފަށައިގަތުން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމްގެ ފުރަތަމަ ދަންފަޅި ނިމުމަށްފަހު ނޫސްވެރީންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވަނީ މިހާރު ޓުއަރިޒަމްގެ މާސްޓާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރިން އެކަން ނިމިގެންދާނެކަމަށް ވިދާޅުވެފައެވެ. މިއަދު ކުރިއަށް ދާ ސިމްޕޯސިއަމް އަކީ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ޕޮލިސީ ލެވަލްގެ ބޭފުޅުންނާއެކު ކުރިއަށްގެންދާ މަހާސިންތާއެކެވެ.

ނޫސްވެރީންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ މިއަދު ކުރިއަށް މިދާ ސިމްޕޯސިއަމުން ލިބޭ މިސްރާބުން ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގައި ޓުއަރިޒަމް ދާއިރާގެ ދެވައުދެއް އޭގައި ހިމެނޭއިރު، މާކެޓިންގެ ބަޖެޓު ބޮޑުކުރުމުގެ ވައުދު މިހާރު ހާސިލުވެއްޖެ ކަމަށާއި މިއަަދު ކުރިއަށް މިދާ ސިމްޕޯސިއަމް އަކީ ދެވަނަ ވައުދު ފުއްދުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓުއަރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށް މުޅި ސިނާއަތުގެ އަޑު ބޭނުންވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ ސަބަބަކަށް މިނިސްޓަރު ވިދާޅުވީ ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ މައްސަލަތަކަށް ހައްލު ހޯދުމަށްވެސް އެހެން ބައިވެރިންގެ ބައިވެރިވުން ބޭނުންވާތީ ކަމަށެވެ. މީގެ އިތުރުން "އަހަރެންގެ ނަފްސުގަ" ކަންކަން ހައްލު ނުވާނެ ކަމަށާއި ކަންކަން ހައްލުވާނީ "އަހަރެމެންގެ ގޮތުގައި" މަސައްކަތް ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށްދާނެ ސަރުކާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގެސްޓްހައުސް ސިމްޕޯސިއަމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުނާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ބޭރުގެ އެމްބެސެޑަރުން އަދި ދައުލަތުގެ އިސްވެރިން ބައިވެރިވާނެއެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށްދާ އެއް ދުވަހުގެ ގެސްޓްހައުސް ސިމްޕޯސިއަމްގައި ގެސްޓްހައުސް ހިންގާ ވިޔަފާރަވެރީންނަށް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.