ޝަހީދާ އަބްދުﷲ ސައީދު
ދައުލަތުގެ މީޑިއާއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެއެވެ.
ދިވެހި ރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ތިބޭ ބަޔަކު މީޑިއާދެކެ ބިރުގަންނަޖެހޭ ސަބަބެއް ނެތް ކަމަށާއި ބިރުގަންނަކަމަށްވާނަމަ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މީޑިއާއަކީ ވަރަށް ވަރުގަދަ ބާރެއް ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މީޑިއާގެ ސަބަބުން ވެރިކަން ބަދަލުވެގެން ގޮސްފައި އެބަހުރި ކަމަށެވެ.
އަދި ރާއްޖޭގައި ވެސް ދައުލަތުގެ މީޑިއާގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަމުންދިޔަ ކަމަށާއި ނަމަވެސް މިސަރުކާރުން ދައުލަތުގެ މީޑިއާއަކީ ރައްޔިތުން ގަބޫލުކުރާ ރައްޔިތުންގެ މީޑިއާގެ ގޮތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ދައުލަތުގެ މީޑިއާގެ މަސައްކަތް ވެގެންދާނީ ސަރުކާރު ހިންގުމަށް ލިބޭ ހިތްވަރަކަށެވެ.
އަދި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ދައުލަތުގެ މީޑިއާގެ ދައުރަކަށް ވާންޖެހޭނީ ޓޫވޭ ޗެނަލެއްގެ ގޮތުގައި ހިންގުން ކަމަށާއި ސަރުކާރުން ހިންގާ ކަންތައްތައް ރަނގަޅަސް ނުރަގަޅަސް އެކަންކަން ހާމަކުރުމާއެކު ރައްޔިތުން އެދޭ ކަންކަންވެސް ހާމަކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި އެކަންކަން ދައުލަތުގެ މީޑިއާއިން ހާމަކުރާ ދުވަސް ދެކެވަޑައިގަތުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށާއި އެދުވަސް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.