އުރީދޫ

މެސީ އަދި ޒުވާން މަސްވެރިޔާއާ އެކު އުރީދޫ ޕްރޮމޯޓް ކުރާ ކެމްޕޭނެއް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫ ގްރޫޕުގެ ބްރޭންޑް އެމްބެސެޑަރު އަދި މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ހިމަނައިގެން އުރީދޫ ނެޓްވޯކް ދައްކައިދޭ ބައިނަލްއަގްވާމީ ކެމްޕެއިނެއް ތައާރަފުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި މި ކެމްޕެއިން ލޯންޗު ކޮށްފައިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ހާއްސަ ވީޑިއޯ އަކުންނެވެ.

މި ވީޑިއޯއަކީ މިއަހަރުގެ ކުރީކޮޅު ޝޫޓްކޮށްފައިވާ ވީޑިއޯއެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މި ވީޑިއޯގެ ޝޮޓްތައް ނެގުމަށް އުރީދޫގެ ޓީމާއެކު ޒުވާން މަސްވެރިޔާ ދެކުނު އެފްރިކާއަށް ދަތުރު ކޮށްފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަން ވީޑިއޯއާ ގުޅިގެން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫގެ ނެޓްވޯކް ވަރުގަދަކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި އިންވެސްޓުމަންޓްތަކެއް ކޮށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މެސީ އާއި ޒުވާން މަސްވެރިޔާ ފެނިގެންދާ މި ކެމްޕެއިނާއެކު ކުރިއަށް އޮތްތަނުގައިވެސް ޓެލެކޮމިއުނިކޭޝަންގެ އީޖާދީ އާ އުފެއްދުންތަކާއި ދިވެހީން ގުޅުވައިލަދޭނެ ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން މި މަހު ކުރީކޮޅު ކުންފުނީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފައިވާއިރު، ވޭތުވެ ދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ރާއްޖެއަށް މެދު ނުކެނޑި އިންވެސްޓުކޮށް، ނެޓްވޯކް ފުޅާކޮށް، ކުރިއަށް ވުރެ އެތައް ގުނައެއް ކުރިއެރުން ގެނެސްދީފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އުރީދޫން ވަނީ މިފަހުން ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްކޭޖުތައް ކުރިއަށް ވުރެ އިތުރު ޑޭޓާ އެލަވަންސް އަދި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް ބަދަލުކޮށްފައި ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.