ޝަހީދާ އަބްދުﷲ ސައީދު
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކަރާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގެސްޓްހައުސް ސިމްޕޯސިއަމް މިއަދު ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ދަރުބާރުގޭގައި ކުރިއަށްދާ މި ސިމްޕޯސިއަމް ހަތަރު ސެޝަނަކަށް ބަހާލާފައިވާއިރު ފުރަތަމަ ސެޝަންގައި ކުރިއަށްދަނީ ގެސްޓްހައުސް ހިންގުމުގެ ގާނޫނީ އޮނިގަނޑަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމެވެ.
ދެވަނަ ސެޝަން ޚާއްސަކޮށްފައި ވަނީ ފަތުރުވެރިކަމާ މުޖުތަމައުއަށެވެ. ތިން ވަނަ ސެޝަންގައި ޑެސްޓިނޭޝަން މާކެޓިންއާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރާނެ އެވެ. މި ސެޝަންގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުން ކުރިއަށްދާނެ އެވެ.
މީގެ އިތުރުން މި ސިމްޕޯސިއަމްގައި ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެ އެވެ. ސިމްޕޯސިއަމް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ގެސްޓްހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.