ޚަބަރު

ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހާމަކުރީ މިނިސްޓްރީތަކުން ދިން މައުލޫމާތު: މަބްރޫކް

ވެންޓިލޭޓަރުތަކާ ބެހޭގޮތުން އާންމުންނަށް މައުލޫމާތުތައް ހިއްސާކޮށްފައިވާނީ ކަމާބެހޭ މިނިސްޓްރީތަކުން ދިން މައުލޫމާތުތައް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވެންޓިލޭޓަރުތަކާ ބެހޭގޮތުން އާންމުންނަށް ހާމަކުރި މައުލޫމާތުތަކަކީ ކަމާބެހޭ މިނިސްޓްރީތަކުން ވެރިފައި ކުރުމަށްފަހު ހާމަކުރެއްވި މައުލޫމާތުތަކެއް ކަމަށާއި ކޮންޓްރެކްޓްގެ ތަފްސީލުތަކާއި ޕޭމެންޓްގެ ތަފްސީލުތަކާއި ޑެލިވަރީ ތާރީހުތަކަކީވެސް މިނިސްޓްރީތަކުން ދިން މައުލޫމާތުތައް ކަމަށެވެ.

"އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކީ ދެފުށް ފެންނަ ގޮތަށް ޖަވާބުދާރީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އެކަމުގައި ޝާމިލުވާ ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ. މިކަން ތަހުގީގު ކުރަންޖެހޭ،" މަބްރޫކް ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާއްމުކުރި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން މައުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތުވުމާއި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައިނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާ ބެހޭގޮތުން އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ %75 ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހެއެވެ. އެގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި އެޑްވާންސް ޕޭމަންޓް ދައްކާފައިވީ ނަމަވެސް އޮގަސްޓް ހަވަނަ ދުވަހާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.

ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.