ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ "ހަފުތާ ރެސް" ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްލަވާލައްވައިފިއެވެ.
ސޯޝަލް ސެންޓަރު ސަރަހައްދުގައި ބާއްވާ ހަފުތާ ރެސް ހަރަކާތަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސްގެ މި ހަރަކާތުގައި މިއުޒިކް އަދި ޓެލެންޓް ޝޯއާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރުތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.