ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.

މި ޓުވީޓުގައި ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ހަމަތަކާއި އެގައުމުން ދުނިޔޭގެ ސުލްހަވެރިކަމަށާއި ކުރިއެރުމަށް ކުރާ މަސައްކަތަކީ ދުނިޔެއަށް ލިބިފައިވާ އުއްމީދެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މި ސަރުކާރު އައިފަހުން އިންޑިއާއާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ.

އެގޮތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާއަށް ރަސްމީ ދެ ދަތުރުފުޅެއް ކުރައްވައިފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ރާއްޖެއަށް ދެ ދަތުރުފުޅެއް ކުރައްވައިފައެވެ.

އިންޑިއާގެ މިނިވަން ދުވަހަކީ އޯގަސްޓް 15 އެވެ.