މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ހުރިހާ ވެންޓިލޭޓަރެއް ގެނެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮވިޑް 19ގައި ހާލު ގޯސްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް ހޯދުމަށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ 18 ވެންޓިލޭޓަރު ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ގެނެސްފަ އެވެ. އެ ވެންޓިލޭޓަރުތައް ގެނައީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ. ދެވަނަ ޝިޕްމަންޓުގެ ދަށުން އިތުރު 20 އައިސީޔޫ ވެންޓިލޭޓަރު ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.
އެ ޝިޕްމަންޓުގައި ގެނައި ދެ ވެންޓިލޭޓަރު ޑެލިވާ ކޮށްފައިވަނީ ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފީހަށެވެ. އެއީ ޑަބްލިއުއެޗްއޯ އާ ގުޅިގެން މެޑްޓެކުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ޑެލިވާ ކުރާ ދެ ވެންޓިލޭޓަރު ކަމަށް މެޑްޓެކް އިން ބުނެ އެވެ.
މެޑްޓެކުން ކުރި ޓުވީޓެއްގައި ބުނީ، އިއްޔެ އިތުރު 14 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށާއި މިއާއެކު އެކުންފުންޏާ ހަވާލުކުރި 50 ވެންޓިލޭޓަރު ރާއްޖެ ގެނެސް ނިމުނީ ކަމަށެވެ. މެޑްޓެކުން ވެންޓިލޭޓަރު ގެންނަނީ ޔުނިޓަކަށް 288،914 ރުފިޔާގެ ރޭޓުންނެވެ.
މެޑްޓެކުގެ އިތުރުން 26 ވެންޓިލޭޓަރު ގެންނަން ނާޑު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އެކުންފުންޏާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ 8.3 މިލިއަން ރުފިޔާ އަށެވެ.
އޭގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވެއެވެ. އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނުވަތަ ބިޑްކުރުމަކާ ނުލަ އެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.