ޚަބަރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގައި އިންޑިއާ ކަނޑުގެ ފުންމިން އެބަހުރި: މޯދީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ ގުޅުމުގައި އިންޑިއާ ކަނޑުގެ ފުންމިން އެބަހުރި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ މާލެ-ތިލަފުށި ގުޅާލާ ގުޅާލާ ބްރިޖު އެޅުމަށާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިން އެހީއަށް ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓަށް ޖަވާބު ދެއްވަމުންނެވެ.

އެ ޓުވީޓުގައި މޯދީ އާއި އިންޑިއާ ރައްޔިތުންގެ ދީލަތިކަމަށާއި އެކުވެރިކަމަށް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު ވަނީ މިއަދަކީ ދެގައުމުގެ ގުޅުމުގައި ހާއްސަ ދުވަހެއް ކަމަށެވެ.

އެ ޓުވީޓަށް ޖަވާބުދެއްވަމުން މޯދީ ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ރާއްޖެ އާއި އިންޑިއާގެ ހާއްސަ ރަހުމަތްތެރިކަމަކީ އިންޑިއާ ކަނޑުގެ ފުންމިނުގެ ގުޅުމެއް، އަދި އެ ރަހުމަތްތެރިކަން ދެމި އޮންނާނީ ވެސް އެގޮތަށް،" މޯދީގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި މިއަދު ބޭއްވި މަޝްވަރާތަކުގައި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު މަޝްރޫއުއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ އެހީއަކާއި ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)ގެ ލޯނެއް ދޭނެކަން އިންޑިއާއިން ވަނީ އިއުލާންކޮށްފަ އެވެ.

ބްރިޖު މަޝްރޫއަށް އިންޑިއާ އިން ދޭން ނިންމި 500 މިލިއަން ޑޮލަރުގެ އެހީގައި ހިމެނެނީ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ލޯން ކޮމްޕޯޓަންޓަކާއި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ގްރާންޓް ކޮމްޕޯނަންޓެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާ އިން ދޭން ނިންމި 400 މިލިއަން ޑޮލަރުގެ ލޯނާއި 250 މިލިއަން ޑޮލަރުގެ ލޯނަކީ ފަސް އަހަރު ފަހުން ދައްކަން ފަށައި 20 އަހަރުދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނެކެވެ. އަދި އެ ލޯނުގެ އިންޓަރެސްޓަކީ 1.75 ޕަސެންޓެވެ.