ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ 99 ޕަސަންޓަކީ ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުން ހުރި ކަންތައްތައް ނޫންކަމަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައި ހުރުމާއި ޓްރަސްޓް ފަންޑުން ކޮވިޑާ ގުޅޭ ކަންކަމަށް ހަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ.
ރިޕޯޓުގައި ވަނީ ކޮވިޑާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ޖުމުލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އޭގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ރާއްޖޭގެ އެކި އެއާޕޯޓުތަކުގައި ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތަކެއް ބެހެއްްޓުމުގެ މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތުގެ އެއްބަސްވުމެއް ތައްޔާރުކޮށްފައިނުވާ ކަމަށެވެ. އަދި ދެ އެއާޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ތާމަލް ކެމެރާ ބެހެއްޓުމުގެ މަސައްކަތާ ގުޅޭ ފައިސާ ޓޫރިޒަމުން އެސްއެސްއައިއަށާއި ސެންސާ ބީވީއަށް ފައިސާ ދެއްކުމުގައި އެސްޓީއޯ މެދުވެރިކޮށްފައިވާ ކަަމަށާއި ތަކެތި ގަނެފައިވަނީ އެސްޓީއޯއިން ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރިޕޯޓުގައި ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓު ގަތުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މަސައްކަތް ހަވާލުކޮށްފައިވުމާއި ކަން ހިންގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިއުންތަކުން ދައްކަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ހެދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފައިސާ ދޫކޮށްފައިވާ ކަމަށާއި އެފައިސާ ދެއްކުމަށް އެސްޓީއޯ މެދުވެރިކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި އިތުރަށް ވަނީ ރާއްޖެއިން ބޭރުން މެޑިކަލް ރެސްޕޮންސް ޓީމު ގެނައުމުގެ މަސައްކަތް ހަވާލުކުރި ފަރާތުގެ ފަންނީ އަދި މާލީ ގާބިލުކަން ބަލާފައިނުވާ ކަމަށާއި ހުއްދައަށް އެދުނު މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން އެދިފައިވާ ގޮތަށް މެޑިކަލް ޓީމު އެކުލަވާލާފައި ނުވާ ކަމަށާއި އެ ޓީމާ ހަވާލުކުރީ ކޮން މަސައްކަތްތަކެއް ކަން ނޭނގުމާއި ކުރި މަސައްކަތްތަކުގެ ރެކޯޑު ބަލަހައްޓާފައިނުވާ ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަނުވާ ކަމަށާއި ހިދުމަތް ނުލިބެނީސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާ ކަަމަށްވެސް ރިޕޯޓުގައިވެއެވެ.