ދެން އޮތީ ނޮވެމްބަރު 17 ގައި ތައްޓު މައްޗަށް ވައްޓާލި ހިބަރުގެ ތުން ބިންދާލުން ކަމަށް އިޝާރާތްކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަހުގެ ހަމަލާއެއް ރައްދުކުރައްވައިފި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ މިހާރުގެ ބާރެއް ކިރިޔާވެސް އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ޝާހިދު ވަނީ އިޝާރާތްކުރައްވައިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ހިބަރުގެ ތުން ބިންދާލުމަށްޓަކައި އެމްޑިޕީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް އުކުރުވާލާފައިވާ ކަމަށެވެ.
"މިހާރުވެސް ދޭތެރެ ދޭތެރެއިން ކުޑަކޮށް ތެޅިލާއެބަ، ތުންގަނޑު ހިއްލާލާ އެބަ. އިރާދަކުރެއްވިއްޔާ މި އިންތިހާބު ނިމޭއިރު ތުނބުގައި އެއްވެސް ކަމެއް ނުހުންނާނެ،" ޝާހިދު ވިދާޅުވިއެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ނިމޭއިރު ހިއްލާލާނެ އެއްވެސް ބާރެއް ނުހުންނަ ވަރަށް އެމްޑީޕީން ސާފު އަޣުލަބިއްޔަތެއް ނަގާ ދުސްތޫރީ ނިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ދިޔުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.