އަންނަން އޮތް ޖީލަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ވެރީންގެ ވެސް ވާޖިބެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން އޮފީސް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދަރާފައިވާ ދެރުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ 19 ވަނަ މަޖިލީސް ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ އެންމެ ބޮޑު ވަސީލަތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުތަކަށާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެމްޑީޕީ އުފެދިގެން އައިސްފައިވަނީ އެ މަސައްކަތްތައް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަންތައް ކާމިޔާބު ކުރެއްވުމަށް އަޣުލަބިއްޔަތެއް މަޖިލީހުގައި އޮތުމަކީ މުހިއްމުކަމެއް ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
"މަޖިލިސް 19ގެ ސާދާ އަޣުލަބިއްޔަތެއް ހޯދުމަށް މި ޕާޓީން. އެމްޑީޕީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ސަރުކާރުން، ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ދަތިވާނެ ކަމަށެވެ.