ޚަބަރު

މިއަދާ ހަމައަށްވެސް އުއްމީދުކުރި މަޖިލިސް ފުރިހަމައަކަށް ނުލިބޭ: ނަޝީދު

އަހުމަދު ޖައިޝަން

ރައްޔިތުންގެ 19 ވަނަ މަޖިލީސް އުފެދޭއިރު މިއަދާ ހަމައަށްވެސް އުއްމީދުކުރި މަޖިލީސް ފުރިހަމައަށް އުފެދިފައި ނުވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެންމެ އެދެވޭ މަޖިލީހެއް އުފެދިފައި ނުވި ނަމަވެސް ފާއިތުވި ތިން މަޖިލިހަކީ ވަރަށް ތަފާތު މަޖިލީސް ކަމަށެވެ.

"16، 17 އަދި 18 މި ތިން މަޖިލީހަކީ ތަފާތު ތިން މަޖިލީސް. އެ މަޖިލިސްތައް ހަރަކާތްތެރިވެފައިވާ މިންވަރު އެވެސް ތިބޭފުޅުން އަންދާޒާކޮށް ވަޒަންކޮށްފިނަމަ ތަފާތުކަން އެނގިވަޑައިންނަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ގާނޫނީ ބާރުވެރިކަމާއި މިނިވަންކަމާއި އަމިއްލައަށް މަސައްކަތްކުރުމުގެ ހައްގުތައް ހޯދައިދިނުމަށް އެ ތިން މަޖިލީހުގައި ކޮށްފައިވާ މަސައްކަތްތައް މަދު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަކީވެސް ތަފާތު މަޖިލީހަކަށް ވާނެ ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހޮވޭ ބޭފުޅުން ހަމައެކަނި ވަކާލާތު ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.