ޚަބަރު

ޕީއެސްއެމްގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަންކޮށްފި

އަލީ ޔާމިން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް، ޕްރައިވަޓައިޒޭޝަން ބޯޑުން އާ ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް މިދިޔަ މަހުގެ 15 ގައި އައްޔަންކުރީ ސ. ހުޅުދޫ ކަޅުމަގިގޭ އަބްދުﷲ ރަޝީދުއެވެ. އޭނާ ވަނީ ކޮމާސް އިން ޑިގްރީއެއް ހާސިލު ކުރައްވައިފައެވެ.

ޕީއެސްއެމްގެ ބޯޑުން މެންބަރަކު ހުސްވީ، ބޯޑު މެމްބަރަކަށް ހުންނެވި މަރިޔަމް ވަހީދާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޔަންކުރުމުންނެވެ.

އަބްދުﷲ އަކީ 2006 ގައި ބޭއްވި އޯ ލެވެލް އިމްތިހާނުން ރާއްޖެ އިން އެއްވަނަ ހޯއްދަވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2009ގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގެ ހަ ވަނައިގައި ހިމެނިވަޑައިގަތެވެ.

ޕީއެސްއެމްގެ ބޯޑުގައި މިހާރު ތިއްބެވީ، އަބްދުﷲގެ އިތުރުން ޗެއާމަން އިބްރާހިމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމާއި އަލީ މިދުހަތެވެ.