ކ. ބޮލިފުށީ އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ގިރިއަކަށް ދޯންޏެއް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ "އަޒުމް 2" ނަމަކަށް ކިޔާ 50 ފޫޓުގެ އެ ދޯނި ގިރިއަށް އެރި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 9:40 ހާއިރު ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިން ޓީމަކާއެކު ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ބޮލިފުށީ އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް ގޮވައިގެން އެ ރިސޯޓުން ފުރައިގެން ނައިޓް ފިޝިންއަށް ކ. މަނިޔަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ނުވެ، އެ ދޯނީގައި ތިބި މީހުން ބޮލިފުއްޓަށް ވަނީ ގެންގޮސްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ދޯނި ގިރިއަށް އަރައި ދިޔަވަމުންދާތީ، ޕަންޕުގެ އެހީތެރިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކިބައިން އެ ދޯނީގެ ކެޕްޓަން އެދުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ދޯންޏަށް ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުންދާ އިރު، ދޯނީގެ ވެރިފަރާތާ ގުޅިގެން ދޯނި ފުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.