މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އާސިފަށް ކަރެކްޝަންސްގެ ވަޒީފާއާއި އެސްޕީގެ މަގާމު ދިނުމަށް ހުކުމްކޮށްފި

1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މުހައްމަދު އާސިފް ކުރިން ވަޒީފާ އަދާކުރަމުންދިޔަ މަގާމު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް (އެސްޕީ)ގެ މަގާމު ދިނުމަށާއި ވަޒީފާއިން ވަކިކުރި ފަހުން ހޭދަވި މުއްދަތުގައި އެ މަގާމުގެ މުސާރައާއި އެހެނިހެން އެލަވަންސަށްވާ ޖުމްލަ 324،408 ރުފިޔާ ދިނުމަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން މީލާދީ 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ދައްކާ ހަލާސްކުރުމަށާއި، އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާދޭ ދުވަހާ ހަމައަށް ހިނގާފައިވާ މުއްދަތަކީ ހިދުމަތުގެ މުއްދަތު ކަމަށް ބެލުމަށް ދައުލަތް (މޯލްޑިވްސް ކަރެކްޝަނަލް ސާވިސް) އިން އެއްބަސްވެ، ދައުވާ ލިބޭ އާސިފްއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް އާސިފް ކުރި ދައުވާގައި ބުނެފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދަނިކޮށް ކޮމިޝަނަރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ މިދިޔަ އަހަރުގެ ޖުލައި އެއްވަނަ ދުވަހު ވަޒީފާއިން އޭނާ ސަސްޕެންޑުކުރުމަށް ފަހު، މިއަހަރުގެ މާޗް އެއްވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކަރެކްޝަންސްގެ ވަޒީފާއާ ބެހޭ ގަވާއިދާއި އޮފިސަރުންގެ ސުލީކީ މިންގަނޑު ބަޔާންކުރާ ގަވާއިދާ ހިލާފަށް އަދި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ތަހުގީގުކުރުމެއް ނެތި ކަމަށް ކަނޑއަޅައިދިނުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތްދިނުމަށާއި އެ މުއްދަތަކީ އެއްގޮތަކަށް ވެސް ވަޒީފާއިން ވަކިވެފައިވާ މުއްދަތެއް ކަމަށް ނުބެލުމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކަރެކްޝަންސްގެ މައްޗަށް އާސިފް ކޮށްފައިވާ ދައުވާއަށް ކަރެކްޝަންސްއިން އިއުތިރާފުވެ، އެ މައްސަލައިގައި އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތި، ގަވާއިދާ ހިލާފަށް ކަމަށް ކަރެކްޝަންސްއިން ގަބޫލުކުރާ ކަމަށެވެ.

އާސިފް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާދޭ ދުވަހާ ހަމައަށް ހިނގާފައިވާ މުއްދަތަކީ ހިދުމަތުގެ މުއްދަތު ކަމަށް ބެލުމަށް ވެސް ކަރެކްޝަންސްއަށް އަންގައި ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟