އެމްޓީސީސީ

ހުޅުދޫ ބަނދަރު ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މަރިޔަމް ޝަހުދާ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިންގް މިނިސްޓްރީން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗް އެކެއްގައެވެ. އެމްޓީސީސީން މައުލޫމާތުދޭ ގޮތުން މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ ޖުލައި 28 ގައެވެ.

މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

375 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 61.4 މިލިއަން ރުފިޔާއަށް ކަމަށް އެމްޓީސީސީން ބުނެއެވެ.