އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ފައިވް ސްޓާގެ ހޮޓަލް ގަންނާނެ ބައެއް ނުވަތަ އިންވެސްޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.
އެސްޓީއޯއިން ބުނީ 2011 ވަނަ އަހަރު ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ އެ ހޮޓަލަށް ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ ހޮޓަލުގެ އިންވެސްޓަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަންނަ މަހުގެ 15ގެ ކުރީން ހުށަހެޅުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.
އެސްޓީއޯއިން ވަނީ މީގެކުރީންވެސް އެ ޕްރޮޖެކްޓަށް އިންވެސްޓަރެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ފުރުސަތުގެ ދުވަސް ހަމަވެފައިވާއިރު އެސްޓީއޯއިން ވަނީ އިންވެސްޓަރުންގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އިތުރުކޮށްފައެވެ.
އެސްޓީއޯގެ ފައިވް ސްޓާ ހޮޓަލަކީ 250 ކޮޓަރީގެ ހޮޓަލެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީ ހުރި އެ ހޮޓަލުގައި 194 ސްޓެންޑާޑް ކިންގް ސައިޒް ކޮޓަރިއާއި 24 ސްޓެންޑާޑް ޓްވިން ކޮޓަރީގެ އިތުރުން 27 ޑީލަކްސް ކޮޓަރި އަދި ފަސް ސްޓޫޑިއޯ ކޮޓަރި ހުންނާނެއެވެ.
ޖުމްލަ އަށް ބުރީގެ އިމާރާތުގައި 40 މީޓަރުގެ ޕޫލް އަކާއި ސްޕާ އަދި ޖިމެއްވެސް ހިމެނޭނެއެވެ.
އެ ހޮޓަލުގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އިމާރާތުގެ އިންޓީރިއާގެ މަސައްކަތް ކަމަށް އެސްޓީއޯއިން ބުނެއެވެ.