ޚަބަރު

2019 ވަނަ އަހަރު އަލަށް ގްރޭޑް 1އަށް ވަންނަ ކުދިންނަށް ރީފިލްކުރެވޭ ފެންފުޅި ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އެމްވަޔަރަމަންޓް އަދި ޔުނިސެފްއިން ގުޅިގެން 2019ވަނަ އަހަރު އަލަށް ގްރޭޑް 1އަށް ވަންނަ ކުދިންނަށް ރީފިލްކުރެވޭ ފެންފުޅި ހަދިޔާކޮށްފިއެވެ.

އަލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ރީފިލް ކުރެވޭ ފެންފުޅި ހަދިޔާކޮށްފައިވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ޕްލާސްޓިކް ފުޅި މަދުކުރުމުގެ ގައުމީ ކެމްޕެއިން ފެށުމަށް ވެފައިވާ ވައުދުގެ ތެރެއިން ޕްލާސްޓިކް ފުޅި މަދުކުރުމުގެ ގައުމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ކަލާފާނު ސްކޫލްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ ޖުމްލަ 15 ސްކޫލަކަށް ރީފިލްކުރެވޭ ފެންފުޅި ހަވާލުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި މީގެ ފެންފުޅި ސްކޫލުތަކާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފް ގުޅިގެން މަސައްކަތް ކުރުމަށްމަށް ވަނީ ރޭވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ މި ކެމްޕެއިނަކީ ޕްލާސްޓިކްގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބާރު އެޅުމުގެ އިތުރުން ކުޑަކުދިން މިކަންކަމަށް ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ވިދަޅުވެފައެވެ.

މި ކެމްޕެއިންގެ ދަށުން މިއަދު ގްރޭޑް އެކެއްގެ ދަރިވަރުންނަށް ހަދިޔާކޮށްފައިވާ ފެންފުޅިއަކީ ކެމިކަލްގެ ވިހަ މާއްދާއެއް ކަމަށްވާ ބީޕީއޭ ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެންފުޅިއެކެވެ. ގްރޭޑް އެކެއްގެ ދަރިވަރުންނަށް ރީފިލް ކުރެވޭ ފެންފުޅި ހަދިޔާކޮށްފައިވާއިރު އަންނަ އަހަރު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.