ޚަބަރު

އަލް ފަތުހު ހައްޖު ގްރޫޕާ ދެކޮޅަށް ދައުވާކުރަނީ

އަހުމަދު ޖައިޝަން

ހައްޖަށް ގެންދާނެ ކަމަށް ބުނެ ދިވެހީންގެ އަތުން ފައިސާ ނަގައި އެފަރާތްތައް ހައްޖަށް ގެންގޮސްފައި ނުވާތީ، އަލް ފަތުހު ހައްޖު އެންޑް އުމްރާއާ ދެކޮޅަށް ކަމަށްވާ ލިޓިކާ ލޯ އެސޯސިއޭޝަން ދައުވާ ކުރުމަށް ނިންމައިފި އެވެ.

ލިޓިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 72 މީހެއްގެ އަތުން އަލްފަތުހު ފައިސާ ނެގި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަށް ހައްޖަށް ދެވިފައި ނުވާތީ އެ މައްސަލަ ވަނީ ލިޓިކާއަށް ހުށަހަޅާފައި ކަމަށް އެ ފާމް އިން ބުންޏެވެ.

އަލް ފަތުހު ގުރޫޕަށް ދެއްކި ފައިސާ އަނބުރާ ހޯދައި ދޭން މަސައްކަތްކޮށް ދިނުމަށް އެދިފައިވާތީ އެ ހައްޖު ގްރޫޕާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމާފައިވާކަމަށް ލިޓިިކާއިން ވަނީ ބުނެފައެވެ.

ލިޓިކާއިން ބުނީ އެ މައްސަލައިގައި އަލް ފަތުހުއާ ދެކޮޅަށް ދައުވާ ކުރާނީ ހިލޭ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ފަތުހު ގްރޫޕަށް 2014 ގައި ސަރުކާރުން 125 މީހުންގެ ކޯޓާ ދޫކުރުމުން އެ ގުރޫޕުން ވަނީ 72 ފަރާތެއްގެ އަތުން ފައިސާ ނަގައިފައެވެ. ނަމަވެސް އެމީހުނަށް ހައްޖަށް ދެވޭގޮތް ނުވުމުން އެމީހުން ހައްޖަށް ގެންގޮސްފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.