ބިއުޓީ

2018ގައި އެންމެ މަގުބޫލުވި ބިއުޓީ ލުކްސް

މިއަހަރު ބިއުޓީގެ ދުނިޔެ ވެގެން ގޮސްފައި މިވަނީ ކުލަތައް އީޖާދު ކުރުމާއި މުޅިން ތަފާތު ޓްރެންޑްތައް ފޮލޯ ކުރުމާއި މީހާގެ ކޮމްފޯޓް ޒޯނުން ބޭރުން ކަންކަން ބެލުމުގެ އަހަރަކަށެވެ. އޭގެ ތެރޭގައި ތަފާތު ހެއާ ސްޓައިލުތަކުން ފެށިގެން ލޮލުގައި ގްލިޓާ ބޭނުންކުރުން ހިމެނެއެވެ.

އެހެންކަމުން މިއަހަރު ބޮލީވުޑް ތަރިންގެ ތެރޭގައި އެންމެ މަގުބޫލު ބިއުޓީ ލުކްތައް ފެނިގެންދިޔަ ހަ ތަރިންނަށް ބަލައިލާނަމެވެ.

ފްލޯރަލް އެސަސަރީޒް

2017 ވަނަ އަހަރު ބޮލުގައި ހުޅި ޖެހުމަށްފަހު އެ ހުޅި މަލުން ޖަރީ ކުރުން މަގުބޫލު ވެގެން ގޮސްފައިވާއިރު މިއަހަރު ހުޅީގެ ބަދަލުގައި ފެނިގެން ދިޔައީ އިސްތަށިގަނޑު ވައްޓާލާފައި ނުވަތަ ގަތާލާފައި މަލުން އިސްތަށިގަނޑު ޖަރީކޮށްފައިވާ ތަނެެވެ. އިންޑިއާ ބަހުން މިގޮތަށް ބޮލުގައި ޖަރީ ކުރާ މަލަށް ކިޔަނީ "ގަޖްރާ" އެވެ. ސޯނަމް ކަޕޫރުގެ ކައިވެނި ހަފްލާތަކުގެ ތެރޭގައި ހިމެނުނު މެހެންދީ ހަފްލާގައި އޭނާ ތައްޔާރުވެގެން ހުރި ލުކް ވަނީ އިންޓަނެޓުގައި އެންމެ ގަދައަށް ހިނގި އެއް ލުކަށް ވެފައެވެ.

މެޓަލިކް ލައިނާ

މުޅި ލޮލުގައި ޝިމަރީ އައި ޝެޑޯ ޖެއްސުމުގެ ބަދަލުގައި މިއަހަރު މަގުބޫލުކަން ހޯދީ ލޮލުގައި އަޅާފައި ހުންނަ ލައިނާ ވިދުވާލުމެވެ. އެގޮތުން އައިޝްވަރިޔާ ރާއީ ވަނީ ހަފުލާއަކަށް ދިޔައިރު ވިންގް ލައިނާއެއް އެޅުމަށްފަހު އެ ލައިނާ މަތީ ސްޕާކަލްސް ތަތް ކޮށްފައެވެ.

ޕިންކް ސްމޯކީ އައިސް

ދީޕިކާ ޕަޑުކޯންގެ ޕިންކް ބްލެކް ސްމޯކީ އައިސްއިން ގިނަ ބަޔަކަށް ފިޔާތޮށި ކުލަ ލޮލުގައި ޖައްސާއިރު ގަދަ ކުލަތަކާ އެކީ ބޭނުން ކުރާނެ ގޮތް ވަނީ ދަސްވެގެން ގޮސްފައެވެ. މި ކޮމްބޯ އަކީ ދުވާލާއި ރޭގަނޑަށްވެސް ގުޅޭ ތާޒާ ލުކްއެކެވެ.

ދަ ބޯލްޑް ލުކް

މެޓް ގާލާއަށް ޕްރިޔަންކާ ޒީނަތްތެރިވެފައިވާ ޑްރެމަޓިކް ލުކް އިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ބޮލުގައި ރަލްފް ލޮރޭންގެ ހުޑް އަކާއި ބޯކޮށް ވަރުގަދަކޮށް ހަދާފައިވާ ބުމައާއި ލޮލުގައި ޖައްސާފައިވާ ރަން ކުލައިގެ އައިޝެޑޯ އާއި ތުންފަތުގައި ހާކާފައިވާ ގަދަ ކްރިމްސަން ލިޕްސްޓިކުން ޕީސީގެ ބޯލްޑްކަން ވަކިން ބޮޑަށް ފާޅުވެގެން ދިޔައެވެ. މީގެ އިތުރުން އިސްތަށިގަނޑުވެސް ހުރީ މެދުން ވޭވީކޮށް ފަޅާލައިފައެވެ.

ކޯލްޑް އައިސް

މިއީ އުވިގެން ނުދާނެ ބިއުޓީ ޓްރެންޑެކެވެ. މިއަހަރު ކަރީނާ ކަޕޫރުގެ ފަރާތުން ލޮލުގައި އެކި ސްޓައިލްތަކަށް އަނދުން އަޅާނެ ގޮތުގެ ލުކްތައް ވަނީ ފެނިގެން ގޮސްފައެވެ.