މުހައްމަދު އައުޒަމް
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެގެންދާނީ ހުރިހާ ދިވެހިރައްޔިތުންގެ ރައީސަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިބޫ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ދައްކުވައިދިން ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ.
"ދިވެހި ރައްޔިތުން ދައްކުވައިދިން ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާ. ތިބޭފުޅުންގެ ހިތްވަރާއި ޖޯޝުން ދިވެހި ރާއްޖޭގެ މުސްތަގުބަލް ހެޔޮގޮތުގައި ބިނާކުރުމުގެ ފުރުސަތު މިވަނީ ލިބިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ ރައީސަށް،" އިބޫ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ހެނދުނު ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.