ޚަބަރު

އެއް ވިއުގައަކުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއް ގުޅާލާނަން: މިނިސްޓަރ އަމީން

މަރިޔަމް ޝަހުދާ

އެއް ވިއުގައަކުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއް ގުޅާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޕޮއިންޓްމަންޓް ސިސްޓަމެއް ގާއިމްކުރުމަށް ހެލްތު މިނިސްޓްރީއާއި ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށްދިޔަ ހަފްލާއެއްގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިނިސްޓްރީން ސިއްސީ ހިދުމަތް ޑިޖިޓަލް ކުރުމުގެ އިތުރުން މާލެ އާއި އަތޮޅުތެރެއިން ފަސޭހައިން ސިއްހީ ހިދުމަތް ލިބެނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުޅުދުއްފުށި ހޮސްޕިޓަލުގައި ދިރާގުން އެޕޮއިންޓްމަންޓް ސިސްޓަމް ގާއިމް ކުރުމުން އެ ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް މިކަމުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޕޮއިންޓްމަންޓް ސިސްޓަމްގެ އިތުރުން ކުޅުދުއްފުށި ހޮސްޕިޓަލްގެ ނެޓްވޯކް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

މި ސަރުކާރުން އަންނަނީ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ތެރަޕިއުޓިކް ހިދުމަތް އަންނަ އަހަރު ދޭން ފަށާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައިވާ އިރު، އިއްޔެ އެޗްޕީއޭ އިން ވަނީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ގިނަވަމުން އައުމުގެ ސަބަބުން އެކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ސަރުކާރުން އެކަމަށް ކުރާ ހަރަދު އިތުރުކޮށް، ކުރަން ރާވާފައިވާ ބައެއްކަންކަން އިއުލާންކޮށްފައެވެ.