ޚަބަރު

ތެލަސީމިއާގެ ފަރުވާ ފަސޭހަކަމާއެކު ލިބޭގޮތް ހަދައިފި

އަހުމަދު ޖައިޝަން

ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ތެލަސީމިއާގެ ފަރާތްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ‏ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެ މަސައްކަތް ހަމަޖައްސައިފައިވާ ހާމަކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވި ތެލެސީމިއާ ކުދީންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާ ފަސޭހަކަމާއެކު އެކުދީން އުޅޭ ސަރަހައްދުން ލިބޭނެގޮތް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާގެ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރަން ސަރުކާރުން ވަނީ ރާވައިފައެވެ. އެ ކުއްޖަކު ހުރި ރަށަކުން ދަގަނޑުގެ ބައި ދަށްކުރަން ބޭނުންވާ ބޭހާއި ފިލްޓަރު ލިބޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ތެލެސީމިއާ ދަފުތަރުގައި 13 ކުއްޖަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ތެލެސީމިއާ ދަފްތަރުގައި މިހާތަނަށް 874 ފަރާތެއް ވަނީ ރެޖިސްޓްރީ ވެފައި ވެއެވެ.