ފުޓްސަލް

ކްލަބު ބުލޫ އީގަލްސް ކަޕް: ވިންސިއާ، އެގްޒިޓޯ، ކޮފް އަދި އެވިލް ސެމީއަށް

އައިދާ އަބްދުލް ހަކީމް

ތ. ގުރައިދޫގައި ކުރިއަށްގެންދާ ކުލަބު ބްލޫ އީގަލްސް ފުޓްސަލް ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ރޭ ނިންމާލާފައިވާ އިރު، ވިންސިއާ، އެގްޒިޓޯ، ކޮފް އަދި އެވިލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތް ކުރިއަށްގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތް ރާވާލާއިފައިވާ ގޮތުން ސެމީގެ ޖާގަތައް ލިބެނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށެވެ. އެގޮތުން ގުރޫޕް ސްޓޭޖް މެޗުތައް ނިމިފައިވާއިރު ގްރޫޕް "އޭ" ގެ އެންމެ ގިނަ ޕޮއިންޓް ހޯދީ 12 ޕޮއިންޓު ހޯދި ވިންސިއާއެވެ. ދެވަނަ ހޯދީ ނުވަ ޕޮއިންޓް ހޯދި އެވިލްއެވެ.

ގްރޫޕް "ބީ" އިން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ ކޮފް އަދި އެގްޒިޓޯއެވެ. އެއިން ކޮންމެ ޓީމެއް ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ.

މިމަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިންސިއާ އަދި އެގްޒިޓޯއެވެ. ދެވަނަ ސެމީގައި މިރޭ 9:15 ގައި ބައްދަލުކުރާނީ ކޮފް އާއި އެވިލްއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.

އެ މުބާރާތުގައި މިދިޔަ އަހަރު ހަތް ޓީމު ބައިވެރިވެފައިވާ އިރު، މިއަހަރު ދިހަ ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.