ރަށްރަށަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެ ރަށްތަކާ ކައިރި ރިޒޯޓުތަކުން އެހީތެރިކަން ފޯރުކޮށްދޭނަމަ ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. ހެނބަދޫ ނަރުދަމާގެ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށަކަށްވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
"ރަށްރަށާ ކައިރީގައި ހުރި ރިސޯޓްތަކުގެ އެހީތެރިކަން މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ލިބޭ ނަމަ ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރަޔަކަށް ނުވެ، އަދި ހަލުވި މިނެއްގައި އެފަދަ އަސާސީ ހިދުމަތްތައް ފުރިހަމަވެގެން ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްގީއަށް މިހާރުވެސް ރިޒޯޓުތަކުންނާއި ވިޔަފާރިވެރީން ދަނީ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.