އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށްފަހު މީހުން ހައްޔަރުކުރީ ގާނޫނުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުތިރާފުވެފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައީސް ޔާމީން އިއުތިރާފުވެފައިވާތީ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހުރި ކަމަށް ފެންނަންޏާ ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް އިބޫގެ ފަރާތްޕުޅުން ގޮވާލާ ކަމަށެވެ.
"ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އިރު، އެކެއް ފެބްރުއަރީގެ ހުކުމަށްފަހު ރައީސް ޔާމީން ބޭފުޅުން ހައްޔަރުކުރެއްވީ ގާނޫނުގެ ތެރެއިން އެކަން ކުރެއްވޭނެ ގޮތެއް ނެތިގެން، ގާނޫނުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރައްވައިގެން ކަމަށް އެމަނިކުފާނު އިއުތިރާފުވެ ވަޑައިގެންފައިވޭ. ވީމާ އެއާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އެ އަޅުއްވަން ޖެހޭ ފިޔަވަޅުތަކެއް ހުރި ކަމަށް ފެނިވަޑައިގަންނަވާ ނަމަ އެކަންކަން އެޅުއްވުމަށް އަވަސްވެގަތުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އަޅުގަނޑުމެން ގޮވާލަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ފިޔަވަޅެއް އެޅޭނީ ސަރުކާރާ ހަވާލުވުމަށްފަހު ކަމަށެވެ. އަދި ރައީސް ޔާމީނާ، އިބޫ ބައްދަލުކުރެއްވި ދުވަހު ސިޔާސީ ހައްޔަރީން ވީހާވެސް އަވަހަކަށް ދޫކޮށްލަން އެދުނު ކަމަށާއި ކެމްޕޭން ތެރޭގައި އިބޫ ވިދާޅުވި ގޮތަށް ވެރިކަމާ ހަވާލުވުމަށްފަހު ސިޔާސީ ހައްޔަރީން ދޫކޮށްލައްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ފުރަތަމަ ދުވަހުގެ މަސައްކަތްޕުޅެއްގެ ގޮތުގައި ސިޔާސީ ހައްޔަރީން ދޫކޮށްލައްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތެރޭގައި ވެސް ވަނީ ވިދާޅުވެފައި. އަޅުގަނޑުމެންނަށް ހަމަގައިމު ވެސް ސަރުކާރާ ހަވާލުވުމާ ގުޅިގެން އެކަންކަން އެގޮތަށް ހިނގާނެ. އަޅުގަނޑުމެންގެ އަތްމަތީގައެއް ނޫން މިވަގުތު ސީދާ މިއޮތީ. ސިޔާސީ ހައްޔަރީން ދޫކޮށްލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ހެނދުނު ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.