ޝަހީދާ އަބްދުﷲ ސައީދު
ގެއްލުވައިލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާނެ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު ހާމަކުރާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާނެ މައްސަލަތަކުގެ ލިސްޓެއް މިއަދު ހާމަކުރާނެ ކަމަށް އެކޮމިޝަނުން މީގެކުރިން ވަނީ ބުނެފައެވެ.
ނަމަވެސް އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކޮމިޝަނަށް މިހާތަނަށް ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅައިފައިވާ ކަމަށެވެ.
އަދި މިއަދަކީ ކޮމިޝަނަށް މައްސަލަތައް ހުށަހެޅުމަށް އާންމުންނަށް ހުޅުވާލާފައިވާ މުއްދަތުގެ އެންމެ ފަހު ދުވަސް ކަމަށާއި ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު އިއުލާންކުރާނެ ކަމަށް ހުސްނުއްސުއޫދުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ އެކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއް ހުށަހަޅާފައެވެ.
ނަމަވެސް މަޖިލީސް ޗުއްޓީއަށް ދިޔައިރު ބިލު ފާސްވެފައި ނުވަނީ ވޯޓަށް އެހި ޖަލްސާއަށް ސަރުކާރު ކޯލިޝަންގެ ބައެއް މެންބަރުން ހާޒިރުވެވަޑައިނުގަތުމުންނެވެ. މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ކޯލިޝަނުން އަންނަނީ މަޝްވަރާކުރަމުންނެވެ.