އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފ. ނިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، ނިލަންދޫ ކައުސިލަރުންގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނިލަންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިންގެ ކިބައިން އެރަށުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ދަތިވާ މައްސަލަތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އެގޮތުން، ރަށުގެ ކަރަންޓާއި ނަރުދަމާގެ ހާލަތު މިވަގުތު ހުރިގޮތުން ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބަނދަރާއި ގުޅިގެން މިހާރު ހުރި ކަންބޮޑުވުންތައް ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ހިއްސާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ފައިސަލް ނަސީމު ވަނީ އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޖަނަރޭޓަރާއި އެހެނިހެން ބައެއް ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ނިލަންދޫ ކައުންސިލަރުންނާއި އަދި މުއައްސަސާތަކުގެ ވެރިންނާ ހިއްސާކުރައްވައިފައެވެ. އަދި ކަރަންޓާއި ނަރުދަމާ އާއި ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ފެނަކަ ކުންފުނީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ކޮވިޑް 19ގެ މައުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވައިފައެވެ.