ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް، ހިންނަވަރަށް އާދެވުނީތީ ވަރަށް އުފާވެއްޖެ: ރައީސް ސޯލިހު

1

ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އުފަން ރަށް، ޅ. ހިންނަވަރަށް ދެވުނީތީ އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އެމަނިކުފާނު ވަނީ މިއަދުގެ ވަގުތެއްގައި ހިންނަވަރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ސޯލިހު އުފަން ރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

"ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހިންނަވަރަށް އާދެވުނީތީ ވަރަށް އުފާވެއްޖެ،" ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ހިންނަވަރަށް ކުރެއްވި ޒިޔާރަތަކީ ރ. ދުވާފަރަށާއި ނ. ހެނބަދުއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ނުރަސްމީ ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން އެމަނިކުފާނު މާދަމާ ނ. އަތޮޅު ހެނބަދުއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟