ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަގުވައްޓާލަން ކޮންމެ ވާހަކަތަކެއް ދެއްކި ނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި އޮތް ގަދަރާއި އިހުތިރާމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވުމަށް މުއާޒް މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީނުގެ އަގުވައްޓާލުމަށް ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަސްލެއް ނެތް ތުހުމަތުތަކާއި އިލްޒާމުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވިޔަސް އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި އޮތް ގަދަރާއި އިހުތިރާމަކަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިރޭ މުއާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަކީ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖައްސަން ޕީޕީއެމްގެ ތެރެއިން ގެނައި އިންގިލާބެއް ކަމަށާއި ޕީޕީއެމްގެ ތެރެއިން ވެސް އަދީބަށް އޮތް ހަސަދަވެރިކަން ވަރަށް ގާތުން ދެކެފައިވާ ކަމަށެވެ.
ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން ވެސް މުއާޒް ވާހަކަދެއްކެވިއެވެ.