ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: ސަލާމަތީ ބާރުތައް

ވެރިކަން ބަދަލުވުމުގެ މަރުހަލާ ވެސް އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ރައްޔިތުންގެ ފަރާތުން ސަލާމަތީ ބާރުތަކަށް އެއްބާރުލެއްވުން ދިނުމަށް އެދިއްޖެއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް މީޑިއާތަކަށް ދައުވަތުދިން ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ދީފައިވަނީ ބައެއް މީޑިއާތަކަށެވެ.

ފުލުހުންގެ ފަރާތުން ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ އިލްތިމާސަށް ސުލްހަވެރި މާހައުލެއްގައި ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެއްބާރުލުން ދިނުމުން ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ފުލުހުން އަދި ސިފައިން ވެސް ކުރިން ހިއްސާކޮށްފައިވާ ފަދައިން ޓްރާންސިޝަން ޕީރިއަޑުގައި ވެސް ކަންކަން ތަރުތީބުން ކުރިއަށް ގެންދާނަން. ޓްރާންސިސަލް ޕީރިއަޑްގައި ހުރިހާ ކަމެއް ވެސް ހަމަޖެހޭ މަގަކުން ގެންދިއުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ. ފުލުހުން ސާބިތުކަންމަތީ ހިދުމަތް ކޮށްދިނުމަށް އަބަދުވެސް ތިބޭނަން،" އޭނާ ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ފަރާތުން އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ދިވެހި ސިފައިން އަބަދުވެސް ކުރިއަށްދާނީ ގައުމީ މަސްލަހަތު އިސްކޮށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ސިފައިންގެ ނަމުގައި އޭނާ ވަނީ ޝުކުރު ދަންނަވައިފައެވެ.