އިބްރާހިމް ޒަކީ
އިންޝުއަރެންސްއާ ގުޅޭ މުއާމަލާތްތަކުގައި އަމަލުކުރުމާ ބެހޭ ގާނޫނެއް މަޖިލީހަށް ހުށަހަޅައި ފާސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުﷲ ޖާބިރު މަޖިލީހަށް ފޮނުއްވައިފިއެވެ.
ޖާބިރު މަޖިލީހަށް ފޮނުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކަކީ ސަރުކާރުން (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) މެދުވެރިކޮށް، ހުއްދަ ދީގެން އިންޝުއަރެންސްގެ ވިޔަފާރިކުރާ ކުންފުނިތަކެއް ކަމަށެވެ.
ނަމަވެސް އެފަދަ ކުންފުނިތަކަށް، އިންޝުއަރެންސް ޕްރީމިއަމް ދައްކާފައި ވަނިކޮށް ކުރިމަތިވާ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބޭ ހިނދު އެ ގެއްލުމުން ސަލާމަތްވުމަށް ރައްކާތެރިކަން ލިބެންވާ ފަރާތުން ލިބޭ ގެއްލުން ހުށަހަޅާ ހިނދު ގެއްލުންވުން ހިމެނޭ މިންވަރާ މެދު ހިލާފު އުފައްދާ ކަމަށެވެ.
އޭގެ އިތުރުން އެ ގެއްލުމަކީ މާކުރިން ލިބިފައިވާ ގެއްލުމެއް ކަމަށް ބުނެ އެ ގެއްލުން އެކުގައި ރިޖެކްޓްކޮށް އިންވެސްޓަރުންނަށް ފޫނުބެއްދޭ ފަދަ ގެއްލުންތައް އިންޝުއަރެންސް ކުންފުނިތަކުން ދިނުން މިހާރު އާންމުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އިންޝުއަރެންސް ކުންފުނިތަކުން ވިއްކާ އިންޝުއަރެންސް ޕޮލިސީއަކީ ގާނޫނީ ގޮތުން ދެފަރާތުގެ މެދުގައި ވެވޭ އަގުދެއްކަން ކޮންޓެކްޓާ ބެހޭ ގާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެއެވެ.
އެގޮތަށް އިންވެސްޓަރުންނަށް ގެއްލުން ލިބޭ ފަދަ ގޮތައް އަމަލު ކުރާ ކުންފުނިތަކަކީ ކޮބައިތޯ ބަލައި، ކުންފުނިތަކުން އަމަލުކުރާ ގޮތުން އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެފަރާތްތައް ސަލާމަތްވާނެ ގޮތުގެ މަތިން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށްވެސް އެ ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.