ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި: ރައީސް

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި 2015 ވަނަ އަހަރު ތަސްދީގުކޮށްފައިވާ "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" މިހާތަނަށް އޮތީ ތަންފީޒުނުކޮށްކަން ފާހަގަކުރައްވައި، އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުން ލާޒިމްކުރާ އެންމެ މުހިންމު ކަންތައް ކަމަށްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވާނީ ފައްޓަވާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގާނޫނުގެ ދަށުން ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއް އުފެއްދުން ލާޒިމްކުރާ ކަމަށާއި އެކަންވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފުރަތަމަ ދެލިކޮޕީ ވެސް މިހާރު ނިމިފައިވާ ކަމަށާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ހަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް" އަށް ލިބޭ ފައިސާ އެނޫން ކަމަކަށް ހޭދަނުކުރެވޭނެކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމަށާއި މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދަވާ ކަމަށެވެ. މިގޮތުން ކުއްލި ހާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ކޮންމެ އަތޮޅެއްގައި ގާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ރާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ 26 ޑިސެމްބަރ 2004ގައި މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާއި އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ މަތިވެރި ރޫހު، ދިރުވައި އާލާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި ސުނާމީގެ ދުވަހުގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން، ބައިނަލްއަގުވާމީ މުޖްތަމައު ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.