ސިވިލް ސާވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސާވިސްގެ އެއްވެސް އިދާރާއަކަށް އަންގާފައެއް ނުވާނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.
ސިވިލް ސާވިސްގެ ފަރާތުން އާންމުކުރި ނޫސްބަޔާނެއްގައި ވާގޮތުގައި ސިވިލް ސާވިސް އިން އެކުލަވާލައިފައިވާ މުވައްޒަފުން ދޫކޮށްލެވޭނެ ހާލަތްތައް ސިވިލް ސާވިސް ގަވައިދު 2014 ގައި ވާއިރު، އެ ގަވައިދުގެ 223 މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް އަމަލު ކުރުމުގައި ސިވިލް ސާވިސްގެ އެކި އިދާރާތަކުން އެކި މިންގަނޑު ގެންގުޅެއެވެ. މިކަމުގެ ސަބަބުން އެ ކޮމިޝަނުން މި ހަފްތާ ތެރޭ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިކުރާ އުސޫލެއް އާންމުކުރީ އެ ކޮމިޝަނުގެ ދަށުގައިވާ ހުރިހާ އިދާރާތަކުން އެއް މިންގަނޑަކަށް އަމަލުކުރުމުގެ މަގްސަދުގައި ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނުގެ ދަށުން ހިނގާ އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ވަޒީފާ ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ މުވައްޒަފަކަށް ބަދަލުގައި އެކަށޭނެ ވަޒީފާއެއް ސިވިލް ސާވިސްގެ އެހެން އިދާރާއަކުން ހަމަޖައްސައިދިނުމަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.