މިމަހުގެ 30ގައި ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާ ބޭއްވުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.
މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކު ތެރޭ ހިމެނޭ ވައުދެއް ކަމަށްވާ ދިވެހި ބޭސްވެރިކަން ކުރިއެރުވުމުގެ ވައުދުގެ ދަށުން ހެލްތު މިނިސްޓްރީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަހާސިންތާއެކެވެ. ހެލްތް މިނިސްޓްރީން ވަނީ މި މަހާސިންތާގެ މަގުސަދަކީ ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ރާއްޖޭގައި ދިރުވާ އާލާކުރުން ކަމަށް ބުންޏެވެ.
ރާއްޖޭގައި މިފަދަ މަސައްކަތްކުރާ ދިވެހި ބޭސްވެރިންނާއި 'އަލްޓަނޭޓިވް މެޑިސިންގ' ދާއިރާގެ ބޭފުޅުންނާ މިކަމަށް ޝައުޤުވެރިވާ އާއްމު ފަރާތްތައް މި މަހާސިންތާގައި ބައިވެރިވާނެއެވެ. އަދި މި ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޝްވަރާކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި ބޭނުންކުރާނެގޮތާ މެދު މަޝްވަރާކޮށް މި މަޝްވަރާތަކަށް ބިނާކޮށް ދިވެހި ބޭހާ، އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރު ރާސްތާ ޕްލޭނެއް މި މަހަސިންތާގެ ތެރެއިން އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާއެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ނިންމި އިރު އިއްޔެ ވަނީ ރާއްޖޭގައި ބޭނުންކުރާ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވައުދު އިފްތިތާހު ކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.