ސުނާމީ ކާރިސާއަށްފަހު ރ. އަތޮޅު ދުވާފަރަށް ބަދަލުކުރި އެ އަތޮޅުގެ ކަނދޮޅުދޫގެ ރައްޔިތުންގެ ރަށްވެހިކަން ދުވާފަރަށް ބަދަލުކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރެއްވުމަށް ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކަނދޮޅުދޫގެ ރައްޔިތުންގެ ރަށްވެހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް މާލެ ވަޑައިގަތުމަށްފަހު ފަށްޓަވާނެ ކަމަށެވެ.
"އެނގިވަޑައިންނަވާނެ މީ ރިޔާސީ ކެމްޕެއިންގައި މިރަށަށް އަޅުގަނޑު ކުރި ދަތުރުގައި ރައްޔިތުންނާ ބައްދަލުކޮށް އަޅުގަނޑުމެން ވީ ވައުދެއްވެސްމެ. އިރާދަކުރެއްވިއްޔާ އެކަންތައް އެގޮތަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުވާފަރުގައި އެންމެ ފުރަތަމަ ގެތައް ދިނީ ޕްލޭނެއްގެ ދަށުން ނަމަވެސް މިހާރު ވަނީ އެރަށުގެ ބިން ފުރިފައި ކަމަށެވެ.
އެހެންކަމުން އިތުރަށް ރަށުން ބިން ދެވެން ނެތުމުން ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހިޔާލު ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.