އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފާ ބައްދަލުކުރައްވައިފިއެވެ.
މިބަައްދަލުވުމުގައި މިނިސްޓަރ ޝިދާތާ ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުގެ އިތުރުން، ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިންޑިއާގެ ސަފީރަށް އޮޅުންފިލުއްވައި ދެއްވައިފައެވެ. އަދި އިންޑިއާގެ ސަފީރު ވަނީ މި މަސައްކަތްތަކުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ މެދު މަޝްވަރާކުރައްވައިފައެވެ.
މިބައްދަލުވުމުގައި އިންޑިއާގެ ސަފީރު ވަނީ މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކުރެވުނު ކަންކަމުގައި އެހީވުމަށް އިންޑިއާއިން ޝައުގުވެރިވާކަން ހާމަކުރުމުގެ އިތުރުން މިއީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވަފައިކަން ޖެންޑާ މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.