ޚަބަރު

ކޮވިޑުގެ ކޭސްތައް އިތުރުވާނަމަ އަންނަ މަހު ސުކޫލުތައް ނުހުޅުވާނެ: މިނިސްޓަރު އަމީން

މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު 7 އަދި 8ގެ ކިޔެވުން އަންނަ މަހު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ކޮވިޑް ކޭސްތައް މިހާރު އިތުރުވާ ނިސްބަތަށް އިތުރުވަމުންދާނަމަ ސްކޫލުތައް ނުހުޅުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ އަންނަ މަހު 15ގައި ސުކޫލުތައް ހުޅުވޭނެ ކަމަށް ދަންނަވަން މިވަގުތު އުނދަގޫ ކަމަށާއި ނަމަވެސް ކޭސްތައް ގިނަވާނަމަ އަންނަ މަހު ސުކޫލުތައް ނުހުޅުވާނެ ކަމަށެވެ. އަދި މިހާރު ހުރި ޕްރޮޖެކްޝަންތަކަށް ބަލާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މީހުން ތަބާނުވާނަމަ އަންނަ މަހު ސުކޫލުތައް ހުޅުވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ/

"ކޭސްތައް އިތުރުވާނަމަ ސުކޫލުތައް ހުލުވާ ހާލަތަކު ނޫން އޮންނާނީކީ، އެހެންކަމުން ސުކޫލުތައް ހުޅުވޭ ހާލަތެއް ނެތް ކަމަށްވަންޏާ އަޅުގަނޑުމެން ސުކޫލުތައް ހުޅުވާކަށް ނުއެއް ވިސްނާނަން..އޭގެ މާނައަކީ މިހާރު ކޭސްތައް އިތުރުވަމުންދާ ނިސްބަތުގައި އޮގަސްޓް 15 އާ ހިސާބަށް ދާއިރު، ކޭސްތައް އިތުރުވަމުންދާނަމަ ސުކޫލުތަކަށް ނުހުޅުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސުކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރަނގަޅަށް ތަބާވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން ސުކޫލުތަކުން ކޭސްތައް ފެންނަ މިންވަރު މަދު ކަމަށާއި ކޮންޓެކްޓްވެފަ ހުންނަ މިންވަރު ވެސް މަދު ކަމަށެވެ. އަދި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ބޯލަނބައި އަމަލުކުރާނަމަ ކޭސްތައް ފެންނަ މިންވަރު މަދުވާނެ ކަމަށާއި އަދި އަމާޒަކީ ވީހާވެސް ބޮޑަކަށް އާންމު ހާލަތަކަށް ގައުމު ގެންދިއުން ކަމަށް ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފަށާފައިވާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގުރޭޑް ނުވަޔަކުން މައްޗަށެވެ.

ނަމަވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު 7 އަދި 8ގެ ކިޔެވުން އަންނަ މަހުގެ 16 ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މާލޭގެ ސްކޫލުތަކުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން އަދި ސްކޫލުތަކުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެއްވެސް ސްކޫލެއްގައި ކްލަސްޓާއެއްގެ ގޮތުގައި ކޮވިޑް ފެތުރިގެން ނުދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މާލޭގައި ބަލި އުޅޭ މިންވަރަށް ބަލާއިރު، ކޮންމެ ސްކޫލެއްގައި ވެސް އަދި އޮފީސްތަކުގައި ވެސް ބޭރު ތެރެއިން ބަލި ޖެހިގެންދާ މީހުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.