ޒަމާނުއްސުރެ ހައްލުނުވެ އޮތް ޓެކްސީ ތަކުގެ އަގުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ރާއްޖެއަށް މީޓަރު ޓެކްސީގެ ނިޒާމު ތައާރަފުކުރަން މަޝްވަރާކުރަން ފަށައިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު އަންނަނީ މި ކަމާ ގުޅޭ ގޮތުން ދިރާސާކޮށް މަޝްވަރާކުރަމުންނެވެ. ޓެކްސީ ޑްރައިވަރުންނާއި ކަމާ ގުޅުން ހުރި ދާއިރާތަކާ އެކު އެ މިނިސްޓްރީން ބާއްވަން ނިންމާފައިވާ ފޯރަމްގައި އެކަމާ މެދު އިތުރަށް މަޝްވަރާކުރާނެ ކަމަށް ވަނީ އެނގިފަ އެވެ.
ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި މީޓަރު ޓެކްސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރާނީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި ކަމާ ގުޅުން ހުރި އެހެން ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާވެސް ހޯދުމަށްފަހު އެވެ. އެ ގޮތުން ސަރުކާރުގެ ކަމާ ގުޅުން ހުރި އެކި ދާއިރާތަކާ އެކު ވެސް މި ކަމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ އާއި ހުޅުލެ އަދި މާލެއާ ދެމެދުގައި ނަގަން ޖެހޭ އަގުތަކުގެ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާނުކޮށްފައިވާ އަގުތަކަށް އެ ދަތުރުތަކަށް ނުކުރެވޭނެ ކަމަށް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފަ އެވެ. އެމައްސަލަ ބޮޑުވެ ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާ ބައްދަލުކުރުމުން މިނިސްޓަރު ނިންމަވައިފައި ވަނީ އެ އަގުތައް އަލުން މުރާޖައާ ކުރެއްވުމަށެވެ. ޓެކްސީ ޑްރައިވަރުން މިނިސްޓަރު ނަހުލާއާ އެކު ބޭއްވި ބައްދަލުވުމުގައި އެމީހުން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިއުލާނު ކުރި އަގުތަކަކީ އެއްވެސް ވަރަކަށް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ނުކޮށް ކަނޑައަޅާފައިވާ އަގުތަކެއް ކަމަށެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ވަނީ މީޓަރު ޓެކްސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރަން ނިންމި ނަމަވެސް، ދަތުރުގެ ފެށޭ އަގު ކަނޑައަޅާނީ އެކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މީޓަރު ޓެކްސީ ރާއްޖެއަށް ތައާރަފުކުރުމުގެ މަޝްވަރާތައް ޓްރާންސްޕޯޓު މިނިސްޓްރީން ފަށާފައިވާ އިރު، ބައެއް ފަރާތްތަކުން ވަނީ ޓެކްސީގެ އަގުތަކުގެ މައްސަލައިގެ އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށް ބުނެފަ އެވެ. އެ ގޮތުން މީޓަރު ޓެކްސީ ނިޒާމު ތައާރަފު ކުރުމަކީ މި ޒަމާނުގައި އެހެން ގައުމު ތަކުގައި ވެސް ކަންކުރާ ގޮތް ކަމަށް ވާއިރު، އެ ނިޒާމު ރާއްޖެއަށް ތައާރަފުކުރުން ލަސްވެއްޖެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
މީޓަރު ޓެކްސީ ނިޒާމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު ދާއިރާގެ ބޭފުޅަކު "ވަން އޮންލައިން"އަށް ވިދާޅުވީ ކުރީން ވެސް އެފަދަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ފެނުނީ ރާއްޖެއަކީ ކުޑަ ތަނަކަށް ވާތީ މީޓަރު ހަރުކޮށްގެން ދުއްވުން މުހިންމު ނޫން ކަމަށެވެ. އެހެން ނަމަވެސް މިހާރު ހުޅުމާލެ މާލެއާ ގުޅި މާލެ ތެރޭގައި ވެސް ޓްރެފިކް ހުރި ގޮތަށް ބަލާ އިރު ދަތުރުތަކަށް ނަގާ ވަގުތު އެތައް ގުނައެއް އިތުރުވެފައި ވާތީ އެ ނިޒާމަކީ ހުރިހާ ގޮތަކުން ބަލާ އިރު ވެސް މިހާރު މުހިންމު ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ހުރިހާ ގައުމެއްގައި ވެސް ޓެކްސީ ތަކުގައި ހުންނަނީ މީޓަރު ހަރުކޮށްފަ އެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ދިވެހީން އެންމެ ގިނައިން ދަތުރުކުރާ ގައުމުތައް ކަމަށްވާ ތައިލެންޑާއި ސިންގަޕޫރު އަދި މެލޭޝިއާގައި ވެސް ބޭނުނުންކުރަނީ މީޓަރު ޓެކްސީގެ ނިޒާމެވެ.