ޚަބަރު

ބަދަހިކަމަށް ކޫރުން އެޅިގެންދަނީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން : އިމްރާން

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމަށް ކޫރުން އެޅިގެންދަނީ އެންމެންގެ މެދުގައި އޮންނަ ސިޔާސީ ނުތަނަވަސްކަމަކާ ގުޅިގެން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅު ދުވާފަރުގައި މިއަދު ކުރިއަށްދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގުވުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު އަމާންކޮށް ސުލްހަވެރިކޮށް އެކުވެރިކޮށް ބަދަހިކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް އަޅުގަނޑުމެން ގުޅިގެން ސިޔާސީ ބަދަހިކަން ދެމެހެއްޓުމުގެ މަގުތައް ފަހިކޮށްދިނުން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ސަފުތައް މިއަދު ވަނީ ބަދަހި ގުޅުމަކާއި ގާތްކަމުގެ ތެރެއަށް އައިސްފައި ކަމަށެވެ.

ގައުމުގެ ހަމަޖެހުން ދެމެހެއްޓުމާއި ސިޔާސީ ހަމަޖެހުން ގާއިމުކޮށް ބޭއްވުމަށް ރައީސް ސޯލިހާއެކު ސާބިތުވެ ހުންނަވާނެ ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.