ޚަބަރު

ސުނާމީގެ ހާދިސާއިން ލިބިގެން ދިޔައީ އެއްބައިވަންތަކަމުގެ ފިލާވަޅެއް : ރައީސް މައުމޫން

އަހުމަދު ޖައިޝަން

ސުނާމީގެ ހާދިސާގެ ސަބަބުން ގައުމުން ފެނިގެން ދިޔަ އެއްބައިވަންތަ ކަމަކީ ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުނާމީގެ ހާދިސާގައި ގެއްލުންވެފައިވާ ފަރާތްތަކަށް އެންމެން އެހީތެރިކަން ފޯރުކޮށްދިންގޮތާމެދު ފަހުރުވެރިވެވަޑައިގަަންނަވާ ކަމަށެވެ.

ސުނާމީގެ ހާދިސާގައި ފުރާނަ ދޫކޮށް ދިޔަ އެންމެނަށް ހެޔޮ ރަހުމަތް ލެއްވުމަށް ރައީސް މައުމޫން ވަނީ ދުއާ ކުރައްވައިފައެވެ.

އުތުރު ސުމަޓްރާގެ ސަރަހައްދުން އައި ބިންހެލުމުގެ ސަބަބުން ރާއްޖެ ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ސުނާމީ އަރާފައިވަނީ 26 ޑިސެމްބަރު 2004 ވަނަ ދުވަހުއެވެ.

އެ ހާދިސާއާ ގުޅިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.