ޝަހީދާ އަބްދުﷲ ސައީދު
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ދިވެހިން ދައްކައިދީފައިވާ އެއްބައިވަންތަކަން އަބަދުވެސް އޮންނަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ސުނާމީ ކާރިސާއަށް މިއަދަށް 14 އަހަރު ފުރޭއިރު، ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެދުވަހު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އޯގާތެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އެއް ބައެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށެވެ.
އެމަނިކުފާނުގެ ޓުވީޓުގައި ސުނާމީގައި ވަކިވެ ދިޔަ މީހުންގެ ހަނދާންތައް އާކޮށް އެފަރާތްތަކަށް ހެޔޮ ރަހުމަތްލެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި 82 މީހުން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެދުވަސް ފާހަގަކުރަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.