ޚަބަރު

އިންސްޕެކްޝަންތަކަށް ފަހު މާލޭގެ ބައެއް ކެފޭ, ރެސްޓޯރެންޓްތައް ބަންދުކޮށްފި

އަލީ ޔާމިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަށް ފަހު މާލޭގެ ބައެއް ކެފޭ, ރެސްޓޯރެންޓްތައް ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން އެތަންތަން ބަންދުކުރީ މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަކަށްފަހުއެވެ. އެޗްޕީއޭއިން ބުނީ ބަންދުކުރި ތަންތަނުގައި ނޯޓިސްއެއް ހަރުކޮށްފައިވާ ކަމަށެވެ.

އެ ނޯޓިސްތަކުގައިވާ ގޮތުން އެތަންތަނުން އަލުން ހިދުމަތް ދެވެން ފެށޭނީ ގަވައިދާ އެއްގޮތަށް ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި އެކަން އެޗްޕީއޭއަށް އެންގުމުން، އެޗްޕީއޭއިން އަލުން އައިސް އިންސްޕެކްޓު ކުރުމަށްފަހުގައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބަންދުކޮށްފައިވާ ތަންތަނުގެ ކަންތައްތައް އިސްލާހުކުރުމަށްފަހު އަލުން އިންސްޕެކްޓްކުރުމަށް އެޗްޕީއޭއަށް އެންގުން އެދޭ ކަމަށެވެ.

"މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި "ބަންދު ނޯޓިސް" ދެވިފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހުކުރުމަށްފަހު އަލުން އިންސްޕެކްޓްކުރުމަށް އަދި އިތުރު މައުލޫމާތު ހޯއްދެއްވުމަށް ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުއްވުން އެދެން،" އެޗްޕީއޭގެ ޓުވީޓުގައި ބުންޏެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށްވެސް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދިޔައެވެ. އެގޮތުން އެ އިންސްޕެކްޝަންގައި 1475 ތަނެއް ބެލިއެވެ. އޭގެ ތެރެއިން 68 ޕަސެންޓް ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.