ޚަބަރު

ރައީސް ސޯލިހު ދުވާފަރަށް ވަޑައިގެންފި

އަހުމަދު ޖައިޝަން

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރ. ދުވާފަރަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ދުވާފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވައިފި އެވެ.

މިއަދު މެންދުރުފަހު ބާއްވަން ހަމަޖެހިފައިވާ އެ ޖަލްސާގައި ރައީސްގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމަނިކުފާނު ދުވާފަރަށް ވަޑައިގެންފައިވާއިރު އެ ދަތުރުފުޅުގައި އިތުރު ދެރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނ. ހެނބަދޫ އާއި ކުޑަދޫ އައިލެންޑް ރިޒޯޓަށް ރައީސް ސޯލިހު ވަޑައިންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ކުޑަދޫ އައިލެންޑް ރިޒޯޓަށް ރައީސް ވަޑައިގެން އެ ރިޒޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާނެ ކަމަށެވެ. އަދި ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.