ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަ ގަދަވޭ: މިނިސްޓަރު އަމީން

މިހާރުގެ ކޮވިޑުގެ ހާލަތާއެކު އަލުން ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 137 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގުލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އަދި 92 ދިވެހިން ޕޮޒިޓިވްވެ، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަހަށް ވެސް ވަނީ ވެފައެވެ.

މިނިސްޓަރު އަމީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާންމު ހާލަތަށް އެދޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށެވެ.

"އާންމު ހާލަތަށް އެދޭނަމަ، މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރުކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައިނުގަންނަވާ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަ ގަދަވޭ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިމަހުން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީ، އާ އާންމު ހާލަތަކަށް ވަނީ ގެންގޮސްފައެވެ. މިމަހުގެ ތެރޭގައި ދިން ބައެއް ލުއިތަކުގެ ތެރޭގައި އަލުން ސްކޫލުތައް ހުޅުވުމާއި، ޕާކުތައް ހުޅުވުމާއި، ކެފޭ ރެސްޓޯރެންޓުތައް ހުޅުވުމާއި، އަމިއްލަ ވިޔަފާރިތައް ހިންގުމުގެ ހުއްދަަ ދިނުން ހިމެނެއެވެ. އަދި އެއްވެސް ހުއްދައަކާ ނުލައި ރަށްރަށުން މާލެއަށް އާދެވޭނެ ގޮތަށް ވަނީ ހުއްދަދީފައެވެ. ނަމަވެސް ރަށްރަށުން މާލެއަށް އާދެވޭނީ ހުއްދަ ހޯދައިގެންނެވެ. އަދި ރަށްރަށަށް ދާ މީހުން އަމިއްލައަށް ކަރަންޓީނުގެ 14 ދުވަސް ހަމަކުރަން ޖެހެއެވެ.

މިމަހުގެ ކުރީކޮޅުގައި މަދު އަދަދެއްގެ ކޭސްތަކެއް ފެނުނު ނަމަވެސް މިހާރު ވަނީ އެ އަދަދުތައް މައްޗަށް އަރައިފައެވެ. މާލެއިން ގޮސް ރަށްރަށުގައި ކަރަންޓީނުގައި ތިބޭ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވެސް ގިނަވާކަން ފާހަގަކުރެވެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި އިއްޔެ 67 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެންކަމުން ފާއިތުވެދިޔަ ހަތަރު ދުވަހު ޖުމުލަ 386 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.