ސުނާމީގެ ނާމާންކަމާއި ބިރުވެރިވެރިކަމާއެކުގައި ވެސް ދިވެހީން ދެއްކި އެއްބައިވަންތަކަމަށް ދިވެހީން އަބަދުވެސް ފަހުރުވެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ސުނާމީގެ ހާދިސާގައި ފުރާނަ ދޫކޮށް ދިޔަ އެންމެނަށް ހެޔޮ ރަހުމަތްލެއްވުމަށް ރައީސް ވަނީ ދުއާ ކުރައްވައިފައެވެ.
އަދި ދިވެހީންނަކީ އަބަދުވެސް އެއްބައިވަންތައް ބައެއްގެ ގޮތުގައި ލެއްވުމަށް ދުއާ ކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އުތުރު ސުމަޓްރާގެ ސަރަހައްދުން އައި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ސުނާމީ އަރާފައިވަނީ 26 ޑިސެމްބަރު 2004 ވަނަ ދުވަހުގައެވެ.
އެ ހާދިސާއާ ގުޅިގެން ކޮންމެ އަހަރަކު ޑިސެމްބަރު 26 ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.